Sunday, April 3, 2011

އަށެއްގެ ސައުވީސް ؟؟؟؟
 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ބުނަނީ " ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންނެވެ." މިފަދައިންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަޤާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، މި ބަޔާންކުރެވުނު އިދާރާތަކާއި ކައުންސިލްތަކާއި މަޤާމުތަކުގެ ސިފަތަކާއި، އިޚްތިޞާޞް ކަނޑައަޅައި މިކަމާއިބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރުމަށްޓަކައި،
28 އޭޕްރީލް 2010 ވީ ބުދަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނައަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިންވަނީ " ޤާނޫނު ނަންބަރ:7/2010، ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެޤާނޫނު ' ގެ ނަމުގައި ޤާނޫނެއް ފާސްކޮށްފައެވެ. އަދި 17 މެއި 2010 ވީ ހޯމަދުވަހު، ރައީސުލްޖުމްހޫރިއްޔާ  މިޤާނުނު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން ހަމައެދުވަހު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި އެޤާނޫނު ޝާއިޢު ކުރެވިފައެވެ.

މިދެންނެވި ޤާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ވަނީ " މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މިޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އިދަރީ ދާއިރާތަކުގެ ތެރެއިން ޏ.ފުވައްމުލަކަކީ އެއްފަސްކޮށް އޮތް 8 އަވަށެއްގެ މައްޗަށް އެކުލެވޭ އިދަރީ ދާއިރާއަކަށްވެފައި، ކޮންމެއަވަށަކީ އިދަރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވޭ ރަށްތަކަކަށްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ފުވައްމުލަކުގައި ކަނޑައެޅުމުގައިވެސް، ކޮންމެއަވަށަކީ ވަކިރަށެއްގެ ގޮތުގައި ބަލާފައިވުމާއެކު، މިމާއްދާގެ ބޭނުމަށްޓަކައި މިއިންކޮންމެ އަވަށެއްގައި 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ރަށު ކައުންސިލެއް އޮންނަންވާނެއެވެ." މިފަދައިންނެވެ. މިމާއްދާގައި ބަޔާންކުރެވިފައިވާ ފަދައިން، 5 ފެބުރުއަރީ 2011 ގައި ބޭއްވުނު ކައުންސިލްތަކުގެ އިންތިޚާބުގައިވަނީ، ފުވައްމުލަކުގެ 8 އަވަށަކީ 8 ރަށުގެ ގޮތުގައި ބައްލަވާފައި ކޮންމެ އަވަށަކުން ރަށުކައުންސިލެއް އިންތިޚާބު ކޮށްފައެވެ. ނަމަވެސް ފުވައްމުލަކުގެ 8 އަވަށަށް ނިސްބަތްވާ 24 ކައުންސިލަރުން މިއަދާހަމައަށްވެސް ތިބީ މަސައްކަތްކުރާނެ އެކަށީގެންވާ އޮފީހެއް ނުލިބިއެވެ. ފުވައްމުލަކު އޮފީހުގެ ނަމުގައި ކުރިން ހިނގަމުންއައި ފުވައްމުލަކު ރަށުއޮފީހުގެ އިމާރާތުގައި މަސައްކަތް ކުރަމުންގެންދާ 8 ކައުންސިލްގެ 24 ކައުންސިލަރުން ބޭނުންކުރުމަށް ލިބިފައިހުރީ އާދައިގެ 3 ކޮޓަރިއެވެ. އެއީ ދަޑިމަގު، ދޫނޑިގަމް ދެކައުންސިލްގައި ހިމެނޭ 6 ކައުންސިލަރުންނަށް 1 ކޮޓަރި، މާދަޑު، ހޯދަޑު އަދި ދިގުވާނޑު، ތިންކައުންސިލްގައި ހިމެނޭ 9 ކައުންސިލަރުންނަށް 1 ކޮޓަރި އަދި މިސްކިތްމަގު، މާލެގަމް އަދި ފުނާޑު، ތިންކައުންސިލްގެ 9 މެންބަރުންނަށް ކޮޓަރިއެކެވެ. ކޮންމެ ކައުންސިލަރަކަށް ގާތްގަޑަކަށް 24 އަކަފޫޓުގެ މިންވަރެވެ. މިއިން ކޮންމެ ކައުންސިލަކަށް މޭޒަކާއި ކޮންމެކައުންސިލަރަކަށް ގޮނޑިއެއް ލިބިފައިހުރިއިރު، މާދަޑު، ހޯދަޑު، ދިގުވާނޑު ކައުންސިލްގައި ހިމެނޭ 9 ކައުންސިލަރުން ބޭނުންކުރުމަށް 1 ލެޕްޓޮޕް  އަދި ދަޑިމަގު، ދޫނޑިގަމް ދެ ކައުންސިލްގެ 6 މެންބަރުންނަށް ދެ ލެޕްޓޮޕް ލިބިފައިހުރިއިރު މިސްކިތްމަގު، މާލެގަން އަދި ފުނާޑު ތިންކައުންސިލްގެ 9 މެންބަރުން ބޭނުންކުރުމަށް މިފަދަ އެއްވެސް ވަސީލަތެއް ލިބިފައި ނެތްކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ވަނީ " އެއްވެސް އިޤްތިޞާދީ ސިޔާސަތެއް ނުވަތަ އިޖްތިމާޢީ ސިޔާސަތެއް ނުވަތަ އިދާރީ ހިންގުމުގެ ސިޔާސަތެއް ނުވަތަ އެނޫންވެސް ސިޔާސަތެއް ތަންފީޛުކުރުމުގެ ބޭނުމުގައި ނުވަތަ އެފަދަ ސިޔާސަތެއްގެ މަޤްޞަދަށްޓަކައި، ދިވެހިރާއްޖޭގެ އެއްވެސް އިދާރީ ދާއިރާއެއް އެހެން އިދާރީ ދާއިރާއަކާ ގުޅުވާލެވޭނީ، ނުވަތަ އެއްކުރެވޭނީ، ނުވަތަ އެއްވެސް އިދާރީ ދާއިރާއެއް އެހެން އިދާރީ ދާއިރާއަކާ އެކުގައި މަސައްކަތް ކުރުމަށް ލާޒިމްކުރެވޭނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ބަޔާންކުރާ ގޮތެއްގެ މަތީންނެވެ." މިފަދައިންނެވެ. އަދި ހަމަ އެޤާނޫނުގެ 155 ވަނަ މާއްދާގެ (ށ) ގައި ބުނަނީ " " މީހުން ދިރިއުޅޭ ރަށް " ކަމަށް ބުނެފައިވަނީ، މީހުންދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިޢުލާންކޮށް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ނުވަތަ އޭގެފަހުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ރަށްރަށާއި އިދާރީ ގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކާއި ސަރަޙައްދުތަކަށެވެ. " މިފަދައިންނެވެ. މިދެމާއްދާގެ މިދެއަކުރަށް ބަލާއިރު ފުވައްމުލަކުގެ 8 އަވަށުގައި އޮތީ 8 ރަށުކައުންސިލް ކަމާއި އެއިން ކޮންމެ ކައުންސިލަކަށް ވަކި އިދާރާއެއް ހުންނަންޖެހޭނެ ކަމަށް ޤާނޫނުގައިއެއޮތީ ވަރަށް ސަރީޙަކޮށް ބަޔާންކުރެވިފައެވެ. އަދި ދެކައުންސިލެއް އެކުގައި މަސައްކަތް ކުރަން ލާޒިމުކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުންކަންވެސް ޤާނޫނުގައި ވަނީ ބަޔާންކުރެވިފައެވެ. އަދި މިހާތަނަށް މިފަދަ ޤާނޫނެއް ފާސްކޮށްފައެއްނުވެއެވެ. ވީއިރު މިޤާނޫނުން ފުވައްމުލަކުގެ 8 ކައުންސިލް އިސްތިސްނާވާންޖެހުނު ސަބަބަކީ ކޮބައިތޯ ހިތަށްއަރައެވެ.

ދެން އުފެދޭ ސުއާލަކީ ފުވައްމުލަކުގެ 8 ކައުންސިލްގެ އިދާރާތައް އުފައްދައިދޭން ޖެހޭ ފަރާތަކީ ކޮބައިތޯއެވެ. ފުވައްމުލަކުގެ ރައްޔިތުން ބާވައެވެ. ނުވަތަ އެކައުންސިލަރުން ނިސްބަތްވާ ސިޔާސީޕާޓީ ތަކުން ބާވައެވެ. ނުވަތަ އެހެންފަރާތަކުން ބާވައެވެ. މިސުއާލުގެ ޖަވާބުވެސްއޮތީ، ޤާނޫނު ނަންބަރ:7/2010، ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެޤާނޫނުގައި ދީފައެވެ. އެޤާނޫނުގެ 127 ވަނަ މާއްދާގައެވެ. އެމާއްދާގައި ބުނަނީ " މިޤާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެއްދޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކޮންމެކައުންސިލެއްގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރަންވާނެއެވެ." ފުވައްމުލައް އިސްތިސްނާ ކުރެވިފައިވާ ކަމަކަށް މި މާއްދާއިންވެސް ދޭހައެއް ނުވެއެވެ. އަދި ހަމައެހެންމެ ރައިސުލްޖުމްހޫރިއްޔާވެސް އެފަދަ އިދާރާތައް ޤާއިމު ކުރަންޖެހޭނީ މިޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ސަބަބަކީ ޚުދު ރައީސުލްޖުމްހޫރިއްޔާއަށްވެސް މިޤާނޫނާއި ޚިލާފުވުމުގެ ޙައްޤު ޤާނޫނުންލިބިދީފައި ނުވާތީއެވެ.




0 comments:

Post a Comment