Wednesday, December 1, 2010


  މޮހޮނަށް އޮޑި  


ދޮންމޮހޮނާ އޭނާގެ ބެއްޔާ (ބޭބެ) އާ ދެމީހުންކެޔޮޅުކަމުގޮސްލާނެ ދޯނިގަނޑެއް ހޯދަން ކާށިދޫ ކަތީބު ގާތަށް ދިޔައިމާ ދޯނިދިނީ މިހެންނެވެ. ކަތީބު ބުންޏެވެ.

" ހިތްވަރެއް ހުރިއްޔާ ކަލޭމެން ދެބެންނަށް އަހަރެން އޮޑިގަނޑެއް (ދޯނިގަނޑެއް) ވާ ދީފާނަމެވެ. ގެންދާން ކެރޭނެބާވައެވެ!

އޮޑީގެ މަޑޫތަކަށް ނިރޮޅުވަލުން ނިރޮޅުދީފީމެވެ.
އޮޑީގެ ޅިސް ކުރެއްޖަށް ކުުރެދިވަލުން ކުރެދިދީފީމެވެ.
އޮޑީގެ ފަށަނަށް ކަނޑޫފަލުން ކަނޑޫ ދީފީމެވެ.
އޮޑީގެ މަތިކަނަށް މިދިލިވަލުން މިދިލިދިފިމެވެ. ހިތްވަރެއް ހުރިނަމަ ދެބެން އޮޑިޔާއިގެން އަވަހަށް ރައްކާވާށެވެ."
ދިވެހިބަހުގައި މިހެންބުނެއުޅެނީ އެއިން ކަމެއްނުކުރެވޭ ގޮތަށް، ނުވަތަ ބޭނުމެއް ނުހިފޭގޮތަށް، ކަމެއްގެނަމުގައި ކަމެއްކޮށްދިނުމާ ގުޅިގެންނެވެ.

މިފަހަކަށްއައިސް މިފަދަ އޮޑިއެއްލިބުނު އެއްބަޔަކީ 2008 ވަނައަހަރު ބޭވުނު ރިޔާސީ އިންތިޚާބުގައި "ވަޠަންއެދޭގޮތަށް" ނަމުގައި އުފެދު އިއްތިހާދުގެ އެއްބައިވެރިންކަމަށްވާ ޢަދާލަތުޕާޓީއެވެ. އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރާނެ މިނިސްޓްރީއެއް އުފައްދައި، ދީނީކަންތައްތައް މިނިވަންކަމާއިއެކު، ކުރުމުގެ ފުރުޞަތު ދޭނެވާހަކައަކީ އެމްޑީޕީގެ ފަރާތުން ދިވެހިރައްޔިތުންގެ ލޮލުގައި އެޅުވިވަރަށްރީތި އޮމާން އަނދުނެކެވެ.

ކޮންމެއަކަސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް 2008 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އެންމެބުރަ މަސައްކަތެއް ކޮށްދިން އެއްބަޔަކީ ދިވެހިރާއްޖޭގައި ތިބި އިސްލާމްދީނަށް ލޯބިކުރާ ދިވެހިންނެވެ. ރައީސް މައުމުނުގެ ދައުރަށްވުރެން ފުރިހަމައަށް އިސްލާމްދީނުގެ ކަންތައްތައް މިޤައުމުގައި އާލާވެގެންދާނެކަމުގެ އުއްމީދުގައެވެ.

ދިވެހިރާއްޖޭގައި އުފެދޭ އަދި އުފެދިދާނެ އިސްލާމްދިނާއި އިދިކޮޅު ކޮންމެ ޙަރަކާތެއް މަނާކުރުމަށްޓަކައި އެކުލަވާލި ދިވެހި ރައްޔިތުންގެ ދީނީ އެްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދު އެމްޑީޕީ ސަރުކާރުން ވަނީ ހިފަހައްޓާފައެވެ. އިސްލާމްދީނާއި އިދިކޮޅަށް އެމްޑިޕީ ސަރުކާރުން ކުރަމުން އަންނައެތައް ކަމެއް ހުއްޓާލުމަށް ނުވަތަ އެފަދަ ކަންތައްތައް ކުރިއަނުދިނުމަށް ސަރުކާރަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ގޮވާލާ ކޮންމެފަހަރަކު، އެކަމާދެކޮޅަށް އެއީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން ކުރާ ނުވަތަ ކުރި ކަމެއްކަމަށް ދައުވާކޮށް ފަތުވާނެރެނީ ރައީސް އޮފީހުގެ "މުފުތީ" އަލްފާޟިލް މުޙާއްމަދު ޒުހައިރު އެވެ. އިސްލާމިކް މިނިސްޓްރީ އަކީ އެމްޑީޕީ ސަރުކާރަކީ އިސްލާމްދީނަށް މާލޯބިކުރާ ބައެްކަމަށް ދައްކަން އުފައްދާފަ، ދެފައި ބިންދާލާފައި ހުރި މިނިސްޓްރީއެކެވެ.އިސްލާމިކް މިނިސްޓްރީގެ މަސައްކަތަށް ބޭނުންވާ ޤަވާއިދު ސަރުކާރުންއޮތީ ހުރަގެއަށް ލާފައެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދު ސަރުކާރުގެ ގެޒެޓްގައި ޖަހައިދިނުންއެދި އިސްލާމިކް މިނިސްޓްރީން ފޮނުވީމަ އެ ޤަވާޢިދު އެޓާރނީ ޖެނެރަލް އޮފީހުގެ މަތާރަންފިލާމަތީގައި ބާއްވާފައިއޮންނަތާ އަހަރެއްހާދުވަސް ފަހުން، ރައީސް އޮފީހުންވަނީ ކުއްލިގޮތަކަށް އެހެން ޤަވާޢިދެއްނެރެ ގެޒެޓްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން، އެޤަވާޢިދުގައި އިސްލާމްދީނާއި ފުށުއަރާ ކަންތައްތަކެއް ހުރިކަމަށްބުނުމުން، ސަރުކާރަށް ފަހުމްވީ އެޤަވާޢިދު އަވަހަށް ގެޒެޓްކުރާށޭ އިސްލާމިކް މިނިސްޓްރީން ބުނިކަމަށެވެ. އެޤަވާޢިދަކީ ދިވެހިރާއްޖޭގައި ބިދޭސިންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުން ހުއްދަކޮށް ސަރުކާރުން ހެދި ޤަވާޢިދެކެވެ. އެޤަވާޢިދުގެ ދިފާޢުގައި އެމްޑީޕީ ސަރުކާރުގެ މުފުތީ ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީ އަކީ ޢަދާލަތު ޕާޓީގެ މިނިސްޓްރީއެއްކަމުގައެވެ. އަދި އެ ޤަވާޢިދަށް ފާޑުކިއުނީ އެ މިނިސްޓްރީ ހިންގަންތިބިމީހުނަށް ވިސްނޭލެއް ތިލަވީމައެވެ. ނުވަތަ ފުންކޮށްނުވިސްނާތީ ކަމުގައެވެ. ދިވެހިރާއްޖޭގެ މީހުންދިރިއުޅޭރަށްރަށުގައި ބަނގުރާވިއްކުން ހުއްދަކުރަން އެމްޑީޕީ ސަރުކާރުން ކުރިމަސައްކަތާއި، އިސްލާމިކް މިނިސްޓްރީން ދެކޮޅުހެދުމުން ސަރުކާރުންވަނީ އިސްލާމްދީނުގެ ހުކުމްތަކުގެ އަލީގައި އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތްބޮލާލާ ޖަހާފައެވެ. އެންމެފަހުން އެކަންތައްހުއްޓާލަން ސަރުކާރަށް މަޖުބޫރުވީ ދިވެހިރާއްޖޭގައި ބޭއްވުނު އެންމެބޮޑު މުޒާހަރާގެ ސަބަބުންނެވެ. މިފަދަ އެތައްއެތައް ކަމެކެވެ.

އާރާއިބާރަށް ދަހިވެތިވެގެން އެކަންތައް ޙާޞިލްކުރުމުގެ ބޭނުމުގައި ޤައުމުގެ ވެރިކަމަށް އަންނަން މަރުފަލިޖަހަމުން އައިއިރު މަދަދާއި އެހީދިން މުސްލިމުންގެ މަތިން ހަނދާންނައްތާލާފައި، އިސްކަންދޭތަން މިފެންނަނީ ޔަހޫދީންނާއި ނަޞާރާއިން ނަށެވެ. އިސްލާމްދީނަށް ކުރަނީ ފުރައްސާރައެވެ.  

1 comments:

Anonymous said...

މި ޤައުމުގައި އިސްލާމީ ވެރިކަމެއް އޮތްނަމަ، އިސްލާމީ ޝަރިޢަތް އުނގެނިވަޑައިގެން ތިއްބެވި ދީނީ ޢިލްމުވެރިންގެ ބަސް ވިކުނީސް، އެބޭފުޅުންގެ ރަޢުޔުވެސް ހޯދީސް، އެއްބަސްވީވެސް ދީނީ ކަންތައް ދީން ދަންނަ މީހުންނަށް ދިނުމަށް، ވަކިދީނެކޭ ނުބުނޭނު، އެހެންވީމަ، ސިޔާސީ ކަންތައް ނޫންކަމެއް މިތާހިގާނަމަ، އަދި އެބުނާ ދީނާ ޚިލާފު ކަމެއް މިތާ ހިގާނަމަ އެކަމަކާ ބެހޭ ޢިލްމުވެރިންގެ ރަޢުޔު ބޭރުންވެސް އެގެންދަނީ ހޯދަމުން.މިހާރު ދެން ދީނީ މިނިވަންކަންވެސް ލިބޭތޯ ވަރަށް ބާރަށް އެގެންދަވަނީ މަސައްކަތް ކުރައްވަމުން. އެފުރުޞަތު ތަނަވަސް ވީދުވަހަކުން މިތަނުގައި އިސްލާމީ ޝިޢާރު ފާޅުކޮށްގެން އުޅޭ މީހުންނަށްވެސް ، އޮރިޔާން ނިވާނުވާ ޙާލުގަި އެތިބޭ މީހުންނަށް ލިބޭވަރަށް ނުލިބުނަސް ކޮންމެވެސް މިންވަރެއްގެ މިނިވަން ކަމެއް ލިބިދީފާނެ ކަމަށް އުއްމީދު ކުރެވޭ.

Post a Comment