Monday, November 29, 2010


 ރައްޔިތުން ނުރުހޭ

 
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 129 ވަނަމާއްދާގެ ( ރ ) ގައި ވަނީ " ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަންކުރެވޭ ދުވަހުންފެށިގެން ހަތްދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. " މިފަދައިންނެވެ. މި ޢިބާރާތަށް ބަލާއިރު " ހޯދުމަށްޓައި " މިހެން އޮތުމުން ދޭހަވަނީ ކޮންމެހެންވެސް ލިބެންޖެހޭނެ ކަމެވެ. އަދި ލިބުމުން ފުރިހަމަވާ އެއްޗެއް، ނުލިބުމުން، ފުރިހަމައެއް ނުވާނެއެވެ. ދިވެހިބަހުގައި " ހޯދުން " މިބަހުގެ މާނައަކީ : 1_ އެއްޗެއް ނުވަތަ ކަމެއް ފެނޭތޯބެލުން. 2_ މަސައްކަތްކޮށްގެން ތަކެތި މިލްކުކުރުން. 3_ ޙާޞިލް ކުރުން. އެހެންވީމަ ޤާނޫނުގައި " ހޯދުން " ބޭނުންކޮށްފައި އެވަނީ މީގެ ތެރެއިން ފުރަތަމަ މާނައިގައިކަމަށް ބެލެވެއެވެ. ދެންއޮތީ ރުހުމެވެ. ދިވެހިބަހުގައި "ރުހުން" މިބަސް ބޭނުންކުރެވެނީ ދެ މާނައެއްގައެވެ. އެއީ : 1_ ޤަބޫލުވުން. 2_ ހިތްހަމަޖެހުން. ވީމަ ވަޒިރުުންނަށް ރުހުން ހޯދުމުގެ މާނައަކީ އެމީހުން ވަޒިރުކަމުގައި ތިބެން ދިވެހިރައްޔިތުންގެ މަންދޫބުން ޤަބޫލުތޯ ނުވަތަ ހިތްހަމަޖެހޭތޯ ބެލުމެވެ. ނޫނީ އެމީހުން ވަޒިރުކަމުގައި ބައިތިއްތަން ރައްޔިތުންގެ މަންދޫބުނަށް ފެނޭތޯބެލުމެވެ.

ރައްޔިތުންގެ މަޖިލީހުން ކަމެއްފާސްވާނީ ނުވަތަ ކަމަކާ ދޭތެރޭ މަޖިލީހުން ދެކެނީ ކިހިނެތްތޯ ބަލަން ޖެހެނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވާ ގޮތެއްގެ މައްޗަށެވެ. ޤާނޫނުއަސާސިގެ 274 ވަނަ މާއްދާގެ ( ހ ) ގައި ބުނަނީ " "ހާޒިރުވެ ވޯޓުގައި ބައިވެރިވުން" ކަމުގައި ބުނެފައި އެވަނީ، އެވޯޓެއް ނަގާ ވަގުތު، އެވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، ވޯޓުނެގި ކަމަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވޯޓުދިނުމަށެވެ. ހާޒިރުވެ ވޯޓުގައި ބައިވެރިވި މީހުންގެ އަޣްލަބިއްޔަތު ބެލުމުގައި، ވަކި ކޮޅަކަށް ވޯޓުނުދޭ މެންބަރުންނެއް ނުގުނޭނެއެވެ." މަޖިލީހުން ކަމެއް ފާސްކުރެވޭނެގޮތް މި މާއްދާގައި މިވަނީ ބަޔާންކުރެވިފައެވެ.

ދެން އޮތީ ރުހުން ނުލިބުނީމަ ދެން ޢަމަލު ކުރަންޖެހޭނެ ގޮތެކެވެ. ޤާނޫނު އަސާސީގައި ބުނަނީ " ރުހުން ހޯދުމަށްޓަކައި " ހުށަހަޅަން ޖެހޭނެކަމަށެވެ. ފަހަރެއްގައިވެސް ރުހުންލިބޭތޯ ބަލަންހުށަހަޅާ ވާހަކައެއްނޫނެވެ. "ހޯދުމަށްޓަކައި" މިހެންއޮތުމުން ދޭހަވަނީ ކޮންމެހެންވެސް ލިބެންޖެހޭނެ ކަމެވެ. ވީއިރު ލިބެންޖެހޭ އެއްޗެއް ނުލިބުނީމަ، ލިބިގެނެ ފުރިހަމަވާ ކަމެއް، ފުރިހަމައެްނުވާނެއެވެ.

އެއްވެސް ޤާނޫނެއްގައި ހުރިހާ ތަފްޞީލެއް ލިޔެފައެއް ނުހުރެއެވެ. މިސާލަކަށް ޤާނޫނު ނަންބަރ 2009/11 (ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއިބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައިވަނީ " ރައީސުލްޖުމްހޫރިއްޔާއާއި އޭނަގެ ޢާއިލާއަށް ދެވޭ ޙިމާޔަތާއި ރައްކާތެރިކަމާއި ދަތުރުފަތުރު ކުރުމުގެ އެންމެހައި ކަންކަން ހަމަޖައްސާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީންނެވެ. "  މިމާއްދާއަށް ބަލާއިރު ރައިސުލްޖުމްހޫރިއްޔާއަށް ވަކި ކާރުކޮޅެއް ދޭންޖެހޭނެކަމަކަށް މިޤާނޫނުގައި ބަޔާންކޮށްފައެއްނެތެވެ. ވީމާ ރައީސުލްޖުމްހޫރިއްޔާއާއި އޭނަގެ ނައިބު އެއްތަނުން އަނެއްތަނަށް ކުރައްވަން ޖެހިވަޑައިގަންނަވާ ދަތުރުފުޅުތައް ކުރަންޖެހޭނީ ޑިފެންސް މިނިސްޓްރީގެ ވެހިކަލެއްގައެވެ. ސަބަބަކީ ވަކިވެހިކަލެއްކަމަށް ޤާނޫނުގައި ބަޔާންކޮށްފައިނެތީމައެވެ.






0 comments:

Post a Comment