Tuesday, November 16, 2010

 ހައްދުފަހަނައެޅުން 

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ދީނީގޮތުން ހައްދުފަހަނައަޅައި ދިއުންކަމުގައި އެމްޑީޕީ ސަރުކާރުގެ އިސްވެރިން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެބޭފުޅުން އާއްމުގޮތެއްގައި މިހެންވިދާޅުވަނީ ރާއްޖެއިންބޭރުގައި ކުރައްވާ ތަޤްރީރުތަކުގައެވެ. ހުޅަގުގެ ޤައުމުތަކުން މުސްލިމުންގެ ބުރަކަށީގައިޖަހާ ލޭބަލް މިވެރިންވެސް އަމިއްލަޤައުމުގެ ރައްޔިތުންގެ ބުރަކަށީގައި ޖައްސަވައި ދެއްވަނީއެވެ. ހުޅަގުގެ މާލީއެހީއަކަށްޓަކައި އަމިއްލަ ޤައުމުގެ ރައްޔިތުން ޤުރުބާންކުރައްވަނީއެވެ. ސަރުކާރުގެ މިފަދަ ލޭބަލްތަކުގެ ސަބަބުން ބައެއްޤައުމުތަކަށް ދަތުރުކުރަން ދިވެހިންނަށްވަނީ ދަތިވެފައެވެ. މިގޮތުން ނައިބުރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކާއި، ޚާރިޖީވަޒީރު ޑރ. އަޙްމަދު ޝަހީދު ވަނީ ދާދިފަހުން އދ.ގެ ދެބައްދަލުވުމެއްގައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އިގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒުވެސް ވަނީ ދާދިފަހުން ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު މސްއަލައަކީ ހައްދުފަހަނައަޅައިދިއުން ކަމުގައި ވިދާލުވެފައެވެ.     

މިބޭފުޅުންގެ ވާހަކަފުޅަށްބަލާއިރު އެވިދާޅުވިފަދަ ހައްދުފަހައެޅުން މިޤައުމުގައި ވަރަށްބޮޑެވެ. އިސްލާމީ ޤައުމަކަށް +މިވަރަށް ހައްދުފަހަނައަޅާފައިވާ ޤައުމެއް ދުނިޔޭގައި އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ދިވެހިބަހުގައި " ހައްދު  " މިބަސް 4 މާނައެއްގައި ބޭނުންކުރެވެއެވެ. އެއީ :(1)  ޒިނޭކުރުމުން ނުވަތަ ރާބުއިމުން އެމީހާގައިގައި ދުއްރައިން ތަޅާތެޅުން. (2)  މީހަކާ ދިމާއަށް ޒިނޭކޮށްފިޔޭބުނެ ސާބިތުނުވީމާ އެބުނިމީހާގެ ގައިގައި ދުއްރައިންތަޅާތެޅުން(3)  މިން (4) ހިސާބު. މިއެވެ. އަދި "ފަހަނައެޅުން" މިބަހުގެ މާނައަކީ ފަސްދީ ދިއުމެވެ. "ހައްދުފަހަނައެޅުން" މިބަހުގެ މާނައަކީ .(1) ދާންވީ ހިސާބަށްވުރެ މާއިތުރަށް ދިއުން. (2) ނުބައިކަމުގެ ކޮޅެއްނެތުން.މިއެވެ. ދެން ބަލައިލަންޖެހެނީ މިނަކީ ކޮބައިތޯއެވެ. ބަލައިލާއިރު ދިވެހިބަހުގައި "މިން" މިބަހުގެ އޮންނަނީ ދެމާނައެކެވެ. އެއީ: (1) އެއްޗެއްގެ ވަރު. (2) ލަފާކުރެވޭވަރު. މިއެވެ. ދެންއޮތީ ހިސާބަކީ ކޮބައިތޯ ބަލާލުމެވެ. "ހިސާބު" މިބަސް ދިވެހިބަހުގައި ބޭނުންކުރެވެނީ 7 މާނައެއްގައެވެ. އެއީ: (1) ވިޔަ. (2) ލޭންދޭނު. (3) މިންވަރު (4) އަދަދު. (5) ދެމެދުގެ ދުރުމިން. (6) ހެޔޮވަރު. (7) ހިސާބު ޢިލްމު. މިއެވެ.

ހައްދުފަހަނައެޅުން" މިބަހުގެ ދެވަނަ މާނައަށްބަލާއިރު ސަރުކާރު ވެރިންގެ ފެންވަރުންވެސް މިކަން ވަރަށްބޮޑަށް ފެނިގެންދެއެވެ. ޤާނޫނާއި ޤަވާޢިދަށް ބޯނުލެބުމާއި، ހިތަށްއެރިގޮތަކަށް ޤައުމުގެ ކަންތައްތައް ކުރުމެވެ. ޤާނޫނުއަސާސީއާއި ޚިލާފަށް އެތައްކަމެއް ކުރާތަން މިދަނީފެންނަމުންނެވެ. ޚިޔާނާތާއި ފަސާދައަށް މަގުފަހިވާގޮތަށް ކުރާކަންތައްތައް ދުވަހުންދުވަހަށްދަނީ އިތުރުވަމުންނެވެ. ރައްޔިތުންނަށް ވެފައިވާ ގިނަގުނަ ވަޢްދުތައް ނުފުއްދާއިރު މާތްﷲ ގަންދީ ކުރިހުވަޔާ އެއްގޮތަށް ޢަމަލުކުރާތަނެއްވެސް ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަލާއިރު ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރިވުން އެއީ އެބައިމީހުންގެ ރަދީފުގައި ނުވެސްނެތް ބަހެކެވެ. ރައްޔިތުންގެ މާލިއްޔަތުން، އެކަށީގެންނުވާވަރުގެ ބޮޑު މުސާރައެއް އަމިއްލައަށް ކަނޑައަޅައިގެން އެއިގެ ބޭނުންކުރަމުންދާއިރު ރައްޔިތުންނަށްޓަކައި އެމަޖިލީހުން ކޮށްދޭއެއްވެސް ކަމެއްނެތެވެ. ރައްޔިތުންނަށް ޚިޔާނާތްތެރިވުމުގެ ރޮގުން އިނާމެއްދޭކަމަށް ވައްޏާ އެންމެފުރަތަމަ އެފަދައިނާމެއް ހައްޤުވާނެ އެއްބަޔަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ސަރުކާރުގެ އިސްވެރިން އެވިދާޅުވާފަދައިން މިއީ ހައްތަހާވެސް ހައްދުފަހަނައަޅާ ދިއުމެވެ. ނުބައިކަމުގެ ކޮޅެއްނެތުމުގެ ސަބަބުންނެވެ.

ދީނީގޮތުން ހައްދުފަހަނައަޅާ ދިއުމަށްބަލާއިރުވެސް ދިވެހިރާއްޖެ މިވަނީ އެރޮގުން ވަރަށްކުރީގައެވެ. ފަނައެޅުމަކީ ފަސްދީ ދިއުމެވެ. އެގޮތުން " ޒިނޭކުރުމުން ނުވަތަ ރާބުއިމުން އެމީހާގައިގައި ދުއްރައިން ތަޅާތެޅުން. "   އެއީ ހައްދެވެ. މިގޮތަށް ތެޅުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ހުކުމެކެވެ. އެހެންވީމަ އެތެޅުން ނުތަޅާ ގޮސްފިއްޔާ އެދެވެނީ ހައްދުފަހަނައަޅައެވެ. ހައްދުގެ ހަތަރުވަނަ މާނައަކީ ހިސާބެވެ. އަދި ހިސާބު މިއީ ހެޔޮވަރުގެ މާނައިގައިވެސް ބޭނުންކުރެވޭ ބަހެކެވެ. ދީނީ ގޮތުން ހެޔޮވަރު ހިސާބަށް ނުދެވޭ ކަމަށްވައްޏާ އެހުރެވެނީ ހައްދު ފަހަނައަޅާދެވިފައެވެ. އެއްޗެއްގެ މިންވަރަށް ވެސް ދިވެހިބަހުގައި "ހައްދު" ކިޔާއުޅެއެވެ. ފަނައެޅުމަކީ ފަސްދީ ދިއުމެވެ. ވީއިރު ކޮންމެފަރާތަކުން ފަސްދީދެވުނުކަމުގައިވިއަސް އެދެވެނީ ފަހަނައަޅައެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޢަމަލުނުކުރާމީހާއަކީ ހައްދުފަހަނައަޅާފައިވާ މީހެކެވެ. އެއްޗެއްގެ ނުވަތަ ތަނެއްގެ ހަތަރުފަރާތުންކުރެ ކޮންމެފަރާތަކުން ބޭރުވިއަސްވެސް ހައްދުފަނައަޅާދެވޭތީއެވެ. ސަބަބަކީ "މިންވަރު" މިބަހަކީވެސް ހައްދުގެ މާނައިގައި ބޭނުންކުރެވޭ ބަހެކެވެ. ވީމާ މިނަށްވުރެން އިތުރުވިއަސް އަދި މިނާހަމައަށް ވާސިލްނުވެވުނަސް އެހުރެވެނީ ހައްދު ފަހަނައަޅާދެވިފައެވެ. ހައްދަކީ މިންވަރު ކަމަށްވެފައި، ކޮންމެކޮޅަކުންވިއަސް ފަސްދީ ގޮސްފިއްޔާ، ފަހަނައެޅުން ކަމަށްވާތީއެވެ. ޑރ.ވަހީދު، ޑރ.ޝަހީދު އަދި ޑރ. ފަރަހަނާޒު އެވިދާޅުވާ ދީނީގޮތުން ހައްދުފަހަނައަޅާދިއުމަކީ މިއީއެވެ. ޚުދު ޑރ. ފަރަހަނާޒަކީވެސް ދީނީ ގޮތުން ހައްދުފަހަނައަޅާފައި ހުންނެވި ބޭކަނބަލެކެވެ. ސަބަބަކީ މިނިވަންއަންހެނާގެ އައުރަކަމަށް އިސްލާމްދީނުގައި އަންގަވާފައިވާ މިންވަރަށް އެކަމަނާ އައުރަ ނިވާނުކުރައްވައެވެ. ވީއިރު އެކަމަނާއަށް އެހުންނެވެނީ ހައްދުންބޭރުވެވިފައެވެ. ނުވަތަ ހައްދުފަހަނައަޅާދެވިފައެވެ. ޑރ. ޝަހީދު އާއި ޑރ. ވަހީދުގެ އަނބި، އަނބިކަނބަލުނަނަކީވެސް މިދެންނެވިގޮތަށް ހައްދު ފަހަނައަޅާފައިވާ ދެ ކަނބަލުންނެވެ.

މިބޭފުޅުންވިދާޅުވާ އަނެއްވާހަކައަކީ ދިނީގޮތުން ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރަންދަތިވެފައިވާ ވާހަކައެވެ. މިއީ މިބޭފުޅުންނަށް ވިދާޅުވެވުނު އެންމެ ތެދުބަސްފުޅުކަމުގައި ފަހަރެއްގައި ވެދާނެއެވެ. އެހެނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހައްދުގެ ތެރޭގައި ހުންނަމީހަކު މަސްތުވާތަކެއްޗެއް ބޭނުމެއްނުކުރާނެއެވެ. ބަނގުރަލެއް ނުބޯނެެވެ. ތޫނުއެއްޗެތިން މީހުނަށް ހަމަލައެއް ނުދޭނެއެވެ. ޙައްޤަކާއިނުލައި އެއްވެސް މީހަކު މަރައެއްނުލާނެއެވެ. ޒިނޭއެއްނުކުރާނެއެެވެ. އަދި އެއްވެސްމީހެއްގެ އިއްފަތްތެރިކަަމަށް އަރައެއްނުގަންނާނެއެވެ. ކުޑަކުދިންނަށް ގޯނާއެއްނުކުރާނެއެވެ. ހަމައެހެންމެ ވައްކަމާއިފޭރުންފަދަ އެއްވެސް ޖަރީމާއެއް ނުހިންގާނެއެވެ. ވެރިން ރައްޔިތުންނަށް އިޚްލާޞްތެރިވާނެއެވެ. ދިވެހިރާއްޖޭގައި އިންސާނީ ޙާއްޤުތައް ހިމާޔަތްކުރުމަށް ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ މިދެންނެވިފަދަ ކަންތައްތައްކުރުން ޤައުމުގައި އާއްމުވުމެވެ. ނުވަތަ ދީނީުގައި ކަނޑައެޅިފައިވާ  ހައްދުން ބޭރުވުމެވެ. ދީނީގޮތުން ކަނޑައެޅިފައިވާ ހައްދުގެ ތެރޭގައި ހުންނަމީހަކު މިފަދަ ހުރިހާ ކަމަކަށް ރައްކާތެރިވާނެއެވެ. އެއްވެސް އިންސާނެއްގެ ޙައްޤަކަށް އަރައެއް ނުގަންނާނެއެވެ. މިޤައުމަށް ދިމާވެގެން މިއުޅޭ މަސްއަލައަކީ ދީނީގޮތުން ހައްދުފަހަނައަޅާދިއުން ކަމުގައި ޤަބޫލުކުރެވެނީ މިދެންނެވި ސަބަބުތަކާއި ހުރެއެވެ. މިފަދަ ހައްދުފަހަނައެޅުމާއި ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމީ ހައްދުފަނައެޅުން އިތުރުވުމުގެ މައިގަނޑު ސަބަބެވެ.











1 comments:

Anonymous said...

ޑރ. ބަރަހަނާ، ޑރ. ވަހީދު،އަދި ޑރ. ޝަހީދު، ޑރ. މުޞްޠަފާ،ޑރ. ނަޒީރު މި ހުރިހާ ޕީ.އެޗް.ޑީން މީ ހުޅަނގުގެ ހައްދުފަހަނައަޅާފައިވާ ލާދީނީ ފަލްސަފާ މިޤައުމުގައި ފަތުރަން މަސައްކަތް ކުރާ ނުބައި ނުލަފާ ބައެއް، އެމީހުންނަށް އިސްލާމީ ޝަރީޢަތް ޤަބޫލެއް ނުކުރެވޭނެ، އިންސާނީ ޙައްޤު ހުވަފެނުން ފެންނާތީ، އޮޅިގެނވެސް ނަރަކއިގެ ބިރުވެރި ޢަޒާބެއް ހުވަފެނަކުން ނުފެންނާނެ، ތިޔަ ބަރަހަނާޒް މުޅިމީހާގެ ކުލަ ބަދަލުކޮށްގެން އިގިރޭސި ޔަހޫދީ އަކަށް ހެދގެންހުރެ ފުރޭތަ އަރާހެން ކޮންމެ ފަހަރަކު ރާއްޖެ އަރައިފިއްޔާ މުލި ޤައުމުގަ ފަސާދައިގެ ހަންފަތުރާލާ، މީދެން މިހާރު ހިމޭނުން ނުތިބެވޭ ވަރުވަނީ، މިވެރިންނަށް ހައްދު ފަހަނަ އެޅުމަކީ ކޮބައިކަން ދުވަހަކުވެސް ނޭގޭނެ، ނުވެސް ވިސްނޭނެ، މާތްﷲ މިބައިގަނޑުގެ ހިތްތަކާ ސިކުނޑިތައް ކަނު ނުކުރައްވަވާ ސަލާމަތުން ލެހެއްޓެވީތީ ޝުކުރުވެރިވާންވެސް ނޭގޭ ޖާހިލުން ތަކެއްމިއީ، މި ޖާހިލުންނާ ދެކޮޅަށް އަހަރުމެންގެ ދީނާ ޤައުމު ސަލާމަތްކުރަން ވީހާ ގިނަ ދަރިން އަތުގުޅައިގެން ނުކުންނަން ވެއްޖެ.

Post a Comment