Tuesday, November 9, 2010

މަޤްޞަދާއިމެދު ؟
 
 

ދާދިފަހުން ވިލުރީފް ރިޒޯޓުގައި ހިނގާދިޔަ ހާދިސާއަކާއި ގުޅުވައިގެން، ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވުމާއިބެހޭ ޤަވާޢިދުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އިންވަނީ ޤަވާޢިދެއްހަދައި އާއްމުކޮށްފައެވެ. ވިލުރީފްގައި ހިނގައިދިޔަ އެހާދިސާއަކީ މިޤަވާޢިދުމިގޮތަށް ނެރެންވެގެން ކުޅުނު ޑުރާމާއަކަށްވުމަކީ ވަރަށް އެކަށީގެންވާ ކަމެެކެވެ. އެހަފުލާގެ އެންމެއިސްމީހަކަށްހުރީ 6 އަހަރުގެ ޖަލުހުކުމެއް 2006 ވަނަ އަހަރު، ކޮށްފައިހުރި މީހެކެވެ. މިހާދިސާ ހިނގިފަހުން ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެމީހާއަކީ ޖަލަށްހުކުމްކޮށްފައި ހުއްޓާ ފިލައިގެންއުޅޭމީހެކެވެ. މިހާހިސާބުން އުފެދޭސުއާލަކީ ޖަލަށް ހުކުމްކޮށްފައިވާ މީހަކަށް ވަޒިފާލިބުނީ ކިހިނެއްބާވައެވެ. ވަޒީފާއަށްދާން ހޯދަންޖެހޭ ޕޮލިސްރިޕޯޓް އޭނަހޯދީ ކިހިނެއްބާވައެވެ. 6 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރިމީހަކަށް މިނިވަންކަމާއިއެކު މިޤައުމުގައި އުޅެވުނީ ކީއްވެގެންބާވައެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ޤަވާޢިދަށްބަލާލާއިރު އިސްލާމްދީނާއި ޚިލާފުއެއްވެސް ކަމެއް މިފަދަ ރަސްމިއްޔާތެއްގައި ކުރުމަކީ މަނާކަމެއް ކަމުގައި މިޤަވާޢިދުގައި ބުނެފައިނެތްކަން ފާހަގަ ކުރެވެއެވެ. ހަމައެހެންމެ މިކަމަކީ ހަމައެކަނި ރިޒޯޓުތަކުގައި ކުރެވޭގޮތަށް އޮތް ކަމެއްވެސް ނޫނެވެ. ރާއްޖޭގެ ކޮންމެރަށެއްގައިވެސް މިކަންކުރުމަށް ވަނީ ހުޅުވާލެވިފައެވެ. ކުރިއަށްއޮތްތާގައި ބިދޭސީންނަށް ރަމްޒީ ކައިވެނި ކޮށްދޭ ޓޫރިސްޓް ގެސްޓުހައުސްތައް ރާއްޖޭގެ އެތަންމިތަނުގައި ހުޅުވިގެން ހިގައިދާނެއެވެ. މަސާޖުޕާލާތައް ރިޒޯޓުތަކަށް ޢާއްމުވިފަދައިންނެވެ.

ސަރުކާރުން ނެރުނު މިޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައިވާގޮތުން، މިފަދަ ހަފުލާއެއް ބާއްވަންވާނީ، އެކަމަށްއެދޭ ފަތުރުވެރިން ޚިޔާރުކުރާ ބަހަކުންނެވެ. އަދި އެމާއްދާގެ (ށ) ގައިވާގޮތުން ފަތުރުވެރިން ޚިޔާރުކުރާބަހަކީ އެމީހުނަށް ނޭގޭ ބަހަކަށްވާނަމަ، ހަފުލާގެ އިސްމީހާދައްކަންޖެހޭ އެންމެހާ ވާހަކަތައް، ހަފުލާބާއްވަންއެދޭ ފަތުރުވެރިންނަށް އެނގޭ ބަހަކަށް ތަރުޖަމާކޮށް އެފަތުރުވެރިންނާއި ހަވާލުކުރަންޖެހެއެވެ. ނަމަވެސް އެވާހަކަތައް ދިވެހިބަހަށް ތަރުޖަމާކޮށްފައި އެްވެސް ފަރާތަކަށް ހުށަހަޅަންޖެހޭނެ ކަމަކަށް ޤަވާޢިދުގެ އެއްވެސް މާއްދާއެްގައި ނުބުނެއެވެ. ހުރިހާދީނެއްގައިކައިވެއްޏަކީ އެބައެއްގެ ދީނީ ކަމެއްގެ ގޮތުގައި ކުރެވޭކަމެކެވެ. ވީއިރު މިފަދަ ހަފުލާތަކުގައި ކިޔޭ ތަކެއްޗަކީ އިސްލާމްދީނާއި ޚިލާފު ތަކެއްޗަށްވެސް ވެދާނެއެވެ. އަދިހަމަ އެމާއްދާގެ (ނ) ގައިބުނަނީ މިފަދަ ހަފުލާތަކުގެ އިސްމީހާ ދޭ ނަސޭހަތަކީ ހަފުލާބާއްވަންއެދޭ ފަތުރުވެރިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ނަސޭހަތެއްނޫންނަމަ، އެފަދަ ނަސޭހަތެެއް އޮންނަންވާނީ ޓޫރިޒަމާއިބެހޭ މިނިސްޓްރީން ފާސްކޮށްފައިކަމުގައެވެ. އެހެންވީމާ ފަތުރުވެރިންބޭނުން އެއްޗެއް މިފަދަހަފުލާތަކުގައި ކިއުމުގެ އިޚްތިޔާރުމިވަނީ ފަތުރުވެރިންނަށް ހިފެހެއްޓުމެއްނެތި ދީފައެވެ.

ދިވެހިންގެދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއިބެހޭ ޤަވާޢިދު، އިސްލާމިކް މިނިސްޓްރީން އެކުލަވައިލައި، ސަރުކާރުގެ ގެޒެޓްގައި ޖަހާދިނުމަށްއެދި ފޮނުވުމުން، އެޤަވާޢިދު އަނބުރާފޮނުވާލައި، އެޓަރނީޖެނެރަލްއޮފީހުގެ މަތާރަންފިލާމަތީގައި އޮންނަތާ އެތަކެއް މަސްދުވަސް ފާއިތުވީފަހުން ކުއްލިއަކަށް ހެދި މިޤަވާޢިދުގެ 4 ވަނަ މާއްދާގައި ބުނާގޮތުން މިފަދަ ހަފުލާތައްރާވާ ހިންގުމުގެ އެންމެއިސްފަރާތަކީ އެރިޒޯތެއްގެ އެންމެއިސް މީހެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ޖެނެރަލް މެނޭޖަރ އެވެ. މަދު ރިޒޯޓެއްގައިނޫނީ ޖެނެރަލްމެނޭޖަރުންނަށް ތިބީ ބިދޭސިންނެވެ. ޣައިރު މުސްމުންނެވެ. މިޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާގޮތުން ހަފުލާބާއްވަން އެދޭފަތުރުވެރިން ބޭނުންމީހަކު މިފަދަ ހަފުލާތަކުގެ އިސްމީހެއްގެގޮތުގައި އައްޔަންކުރުމުގެ އިޚްތިޔާރު އެ ފަތުރުވެރިންނަށް ލިބިގެންވެއެވެ. ވީއިރު އެފަދަ ފަަތުވެރިން ބޭނުންވެއްޖެ ހިނދެއްގައި މިފަދަ ހަފުލާތަކުގެ އިސްމީހަކަށް، ހަފުލާ ބާއްވަންއެދޭ ފަތުރުވެރިންގެ ދީނުގެ ފާދިރީން ނުވަތަ ރާހިބުން ގެނައުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.

ދީނުގެ ކަންތައްތައް އެނގޭނީ ދީނީޢިލްމުވެރިންނަށްކަމަށާއި، ދީނީ ކަންތަކުގައި ދީނީޢިލްމުވެރިންގެ ބަސްއެއީ އެންމެފަހުބަސް ކަމަށް، އަދި ދީނީކަންތައްތަކުގައި އެމަނިކުފާނު އަބަދުވެސް ބައްލަވާނީ ދީނީ ޢިލްމުވެރިން ވިދާލުވާ ބަސްފުޅުކަމަށް ވިދާޅުވަމުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ނަޝީދުގެ ސަރުކާރުންއެކުލަވާލި މިޤަވާޢިދަށް ޢަމަލުކުރަން ހެޔޮނުވާނެކަމަށް އެމަނިކުފާނު ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

0 comments:

Post a Comment