Monday, November 22, 2010



 2އަހަރު ؟

ދިވެހިރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މިހާރުގެ ރައީސް ނަޝީދު ނިކުމެވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި 2008 ގެ ރިޔާސީ އިންތިޚާބުގައި %25 ވޯޓު ހޯއްދެވައިގެން ދެވަނަ ބުރަށް ވަޑއިގެންނެވުނެވެ. ދެވަނަބުރުގައި ވަޠަންއެދޭގޮތަށް އިއްތިހާދުގެ ނަމުގައި، އިދިކޮޅު ހުރިހާޕާޓީއެއް އެކުވެގެން ނިކުމެ ރައީސް މައުމޫނުގެ މައްޗަށް ކުރިހޯއްދަވައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅުގައި އަލްފާޟިލް މުޙައްމަދު ނަޝިދު ވެޑުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމަށް ދެއަހަރުވީއިރު އެމިނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ގިނަގުނަ ވައުދުތައް ފުއްދެވުމުގައި ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. ވެރިކަން ލިބިވަޑައިގަންނަވާތާ ތިންމަސްދުވަހުގެ ތެރޭގައި ތިންސަތޭކަ މިލިއަން ޑޮލަރ ރާއްޖެއަށް ގެންނަވާނެ ކަމަށްވިދާޅުވެފައިވާއިރު، ވެރިކަން ލިބިވަޑައިގެންނެވިތާ ތިންސަތޭކަދުވަސްވީއިރު ޤައުމުވަނީ ބޭރުފައިސާއަށް ޖެހިފައެވެ. ޑޮލަރ ލިބުންދަތިވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ފުރަތަމަފަހަރަށް ޑޮލަރގެ ކަޅުބާޒާރެއް ވަނީ އުފެދިފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުމީހާއަށް އަތްފޯރާފަށަށް ގެނެސްދެއްވާނެކަމަށް ވިދާޅުވެވަޑައިގެންނެވި ތަކެތީގެއަގުވަނީ ރައްޔިތުމީހާ ކޮރައިގެންވެސް އަތްނުފޯރާވަރަށް އުފުލިފައެވެ. ބަލާލި ކޮންމެދިމާއަކުންވެސް ފެންނަނީ ވަޢްދުފުއްދެވުމުގައި ނާކާމިޔާބުވެވަޑައިގެންފައިވާ މަންޒަރެވެ.

ޚިޔާނާތާއި ފަސާދައަށްބަލާއިރު އެމްޑީޕީ ސަރުކާރުންވަނީ މިރޮގުން މައުމޫނުގެ ސަރުކާރަށްވުރެން އެތައްގުނައެއް ކުރީގައެވެ. ތިރީސްއަހަރާއި ދެއަހަރާއި އަޅާބަލާއިރު މިސަރުކާރުވަނީ އެތައްގުނައެއްކުރީގައެވެ. ސަރުކާރުގެ ހުރިހާ ޕްރޮޖެކެޓެއްވެސް ލިބެނީ އެމްޑީޕީގެ އެކްޓިވިސްޓްންނަށެވެ. ނުވަތަ އެމްޑީޕީއަށް މާލީއެހީދޭ ފަރާތްތަކަށެވެ. ޕާޓީއަށް މެންބަރުން އިތުރުކުރުމަށްޓަކައި ރައްޔިތުމީހާއަށް އެމްޑިޕީއަށް ސޮއިކުރަން މަޖުބޫރުވާ ހާލަތަށްގޮސްގެން ސޮއިކޮށްފައިވާ މެންބަރުންގެ އަދަދު ހާހުން ގުނާލެވެއެވެ. ޔިޓުލިޓީސް ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަޒީފާ ހިމާޔަތްކުރުމަށްޓަކައި އެމްޑީޕީއަށް ސޮއި ކޮށްފައިވާ ކަމީ ގިނަބަޔަކުދަންނަ ބޮޑު ސިއްރެކެވެ. ސައުތު ޕްރޮވިންސް ޔުޓިލިޓީސް ކުންފުނީގެ އިންޖީނުގެއެއްގައި ވަޒީފާއަދާކުރާ މީހަކު ނަންހާމަނުކުރުމަށްއެދި ބުނިގޮތުގައި އޭނައަށް އެންގީ ވަޒިފާގައި ދެމިހުންނަން ބޭނުމިއްޔާ އެމްޑީޕީއަށް ސޮއިކުރާށެވެ. އަދި އޭނަސޮއިކުރުމުން އެންގީ އަންހެނުންލައްވައިވެސް ސޮއި ކުރުވަދޭންޖެހޭނެކަމަށެވެ. މިފަދަ އެތައް ބައެކެވެ.

 ވެރިކަމަށް ދެއަހަރު ފުރުނުއިރު ރައީސް ނަޝީދުގެ ވިސްނުންފުޅު ހުރީ ރިޔާސީ ދެވަނަދައުރު ކާމިޔާބު ކުރެއްވޭނެ ގޮތަކާއިމެދުގައެވެ. ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އެންމެބޮޑު ހުރަހަކަށްވާނީ އިދިކޮޅު ޑީއާރުޕީކަން ރައީސް ނަޝީދުއަށް ވިސްނިވަޑައިގަންނަވައެވެ. ނަމަވެސް ޑީއާރުޕީގެ ޒަޢީމް ތަސްމީން އަކީ ސިޔާސީގޮތުން ރައްޔިތުންގެ ކުރިމަތީގައި އެހާ މަޤްބޫލު ބޭފުޅެއްނޫނެވެ. ޑީއާރުޕީގެ ވަރަށްގިނަ މެމްބަރުންގެ ތާއީދު ތަސްމީނަށްވުރެން ބޮޑަށް އޮތީ ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށެވެ. ޔާމީން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވަދަކުރައްވާނެކަން އިޢްލާން ކުރައްވާފައެވެ. ތަސްމީންގެ މަޤްބޫލުކަން ދަށްވުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި އެންމެބޮޑު ހުރަހަކަށްވާނީ ޔާމީން ކަމުގައި ރައީސް ނަޝީދު ދެކެވަޑައި ގަންނަވާ ކަމުގައި ޤަބޫލުކުރެވެއެވެ.

އެމްޑީޕީ ދިވެހިރައްޔިތުންގެ ތާއީދު ހޯދަންކުރިކަމަކީ ކުރީގެ ރައީސް މައުމޫނުގެ ޚުދުމުޚުތާރުކަމާއި ނުބައިނުލަފާކަމުގެ ވާހަކަ ދެއްކުމެވެ. ޙަޤީޤަތާއި އެއްގޮތަށާއި އިތުރަށް ދޮގުވެސް ހިމަނައިގެންނެވެ. ބޭނުމަކީ ރައްޔިތުނެގެ ހިތުގައި މާއުމޫނުގެ މައްޗަށް ނަފުރަތު އުފެއްދުމެވެ. އެމްޑީޕީގެ މަޤްބޫލުކަން އިތުރުކުރުމަށް ވިއްކާނެ އިތުރުއެއްޗެއް ނެތީމައެވެ. މިހާރުވަނީ މިފަދަ ދެވަނަ ގޭމެއްފައްޓާފައެވެ. މިފަހަރުގެ ޝިކާރައަކަށްވަނީ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޔާމީންއަށް ހިމާޔަތް ދެއްވުމުގެ ނަމުގައި އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށަށް ޔާމީންގެންދިޔައީ ސިޔާސީގޮތުން ޔާމީން ޕްރޮމޯޓް ކޮށްދިނުމަށެވެ. ބޭނުމަކީ ތަސްމީނުގެ މަޤްބޫލުކަން އިތުރަށް ދަށްކޮށްލުމެވެ. ޑީއާރުޕީގެ އާއްމުމެމްބަރުން ބައިބައި ކޮށްލުމަށެވެ. ރިޔާސީ އިންތިޚާބު ބޯމަތިވުމުން ޔާމީންގެ ކޮރަޕްޝަންގެ ވާހަކައާއި ޚިޔާނާތުގެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ޔާމީންގެ މައްޗަށް ނަފުރަތު އުފައްދާށެވެ. އަދި ޚިޔާނާތްތެރިންނާއި ދެކޮޅަށް އަޑުއުފުލަނީ ކަމަށްބުނެ ރައްޔިތުންނަށް ހުވަފެންދައްކަންވެސް މެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދައްކާނެ ދުޝްމަނެއް ހޯދާށެވެ. މައުމޫނު ސިޔާސީ ދާއިރާއާއި ދުރަށް ދިއުމުގެ ސަބަބުން އިތުރު ދުޝްމަނެއްހޯދަން ރައީސް ނަޝީދުއަށް ވަނީ ޖެހިވަޑައިގެންފައެވެ.

ޔާމީނަށްފަހު ރައީސް ނަޝީދުގެ ނަޒަރުހުޓެނީ ޖުމްހޫރީޕާޓީގެ ރައީސް ޤާސިމް އިބްރާހީމް އަށެވެ.  ޤަސީމް އަކީ އެބޭފުޅާގެ މާލިއްޔަތުން ދިވެހިރައްޔިތުންނަށް އެންމެގިނަގުނަ އެހީތައް ވެދެއްވާ ބޭފުޅާއެވެ. ވީމާ ރައީސް ނަޝީދާއި ވާދަކުރަން ނިކުންނަ އިއްތިހާދެއްގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގެންފިނަމަ ކަންތައްވާނެ ގޮތް އެންމެ ރަގަޅަށް އެނގިވަޑައި ގަންނަވާނެ އެއްބޭފުޅަކަށްވާނީ ހަމަގައިމުވެސް ރައީސް ނަޝީދުއެވެ. މީހާގެ ގޮތް އެންމެރަގަޅަށް އެނގޭނީ އެއްއޮޑިއަކުން ދަތުރުކުރީމަ ކަމަށް ދިވެހިން ބުނެއުޅެއެވެ. ޤާސިމްއަކީ ރައީސް ނަޝީދާއި އެކު ކެމްޕެއިން އޮޑީގައި ދަތުރު ކުރެއްވި ބޭފުޅެކެވެ. " ވަޠަންއެދޭގޮތަށް " އިއްތިހާދުން ކުރިމަސައްކަތުގައި، މާލީގޮތުންނާއި ޢަމަލީގޮތުން ޤާސިމް ކުރެއްވި މަސައްކަތްޕުޅު އެންމެ ކައިރިން ދެކެވަޑައިގަތް އެއްބޭފުޅަކީ މިހާރުގެ ރައީސް ނަޝީދު އެވެ. މިސަބަބާހުރެ ޤާސިމް އަކީ ކުރިއަށް އޮތް އިންތިޚާބަށް ކުރިމަތިލައްވާއިރު ރައީސް ނަޝީދަށް އޮތް ބިރެކެވެ. ވެވުނުގޮތަކުން މައިތިރިކުރަންޖެހެނީ އެހެންވެގެންނެވެ. އަނެއްކޮޅުން މިހާރު މިހިނގާ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަރަށްގިނަ ބޭފުޅުންނަކީ، އެބޭފުޅުން ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ކުރެއްވި މަސައްކަތުގައި ޤާސިމް އިބްރާހީމްގެ މާލީ އެހީ ހޯއްދަވާފައިވާ ބޭފުޅުންނެވެ. މިވެސް ރައީސް ނަޝީދު ހާސްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ވެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައެވެ.

އެތައްދުވަހެއްގެ ބުރަމަސައްކަތުން ކާމިޔާބު ކުރެއްވުނު ގޮނޑި ދިފާޢު ކުރައްވަން، ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ފިސާރިކެރިވަޑައިގެން ކުރިމަތިލައްވަން ރައީސް ނަޝީދު ހުންނެވީ ކަމަރު ބަންވައިގެންނެވެ. ވެރިކަން ދިފާއުކުރެއްވެން އޮތީ ޤާނޫނީ ހުދޫދުން ބޭރުވެ ވަޑައިގެންނަމަ އެކަންކުރައްވަންވެސް އެމަނިކުފާނު ފަސްޖެހިވަޑައެއް ނުގަންނަވާނެއެވެ.   ޗާޓުންބޭރުގައި ކަންތައްތައް ކުރައްވާނެކަމަށްވިދާޅުވެ، ޢަމަލީގޮތުން އެފަދަކަންތައްތައް ކުރައްވަނީ މިދެންނެވި ސަބަބާއިހުރެއެވެ. ޤާނޫނާއި ޤަވާޢިދަކީ އަދުގެ ސަރުކާރުގެ ކުރިމަތީގައި އަގެއްހުރިއެއްޗެއްނޫނެވެ. ހުރިހާވެސް އެއްޗަކީ ޔަހޫދީންނާއި ނަޞާރާއިންގެ ރުހުމަށްމިވަނީ ވެފައެވެ. ސްވިޑްންގެ ރައްޔިތަކާއި އިނގިރޭސި ކުންފުއްޏެއްގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ ތަޢްލީމީ މަންހަޖުން އިސްލާމްދީނުގެ އަސަރުމިދަނީ ނައްތާލަމުންނެވެ. އަމިއްލަ ޤައުމާއި ރައްޔިތުންނަށްވުރެންބޮޑަށް ހުޅަގުގެ ރުހުންހޯއްދެވުމުގެ ބޭނުންފުޅުގައެވެ. ހުރިހާދީނަކަށް ފުރުޞަތު އޮންނަންޖެހޭނެކަމަށް ދޭހަވާފަދަ އިބާރާތްތައް ސަރުކާރުގެ އިސްވެރިންގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. ހެޔޮބަދަލަކަށް އެދިގެން މައްސައްކަތް ކުރި އެތައްބައެއް މިހާރު ތިބީ ގެނެވުނުބަދަލާއިމެދު ކަރުނައަޅައަޅައެވެ. ކޮންމެއަކަސް ޠާހިރު ވެރިކަމެއްކުރާނެ ކަމުގެ ވަޢުދާއިއެކު ވެރިކަމަށްއައިތާ ދެއަހަރުވީއިރު މިފެންނަނީ ޠާހިރު ވެރިކަމެއްނޫނެވެ. ބަލާވެރިކަމެކެވެ.


0 comments:

Post a Comment