ރައްޔިތުން ނުރުހޭ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 129 ވަނަމާއްދާގެ ( ރ ) ގައި ވަނީ " ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން ޢައްޔަންކުރެވޭ ދުވަހުންފެށިގެން ހަތްދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. " މިފަދައިންނެވެ. މި ޢިބާރާތަށް ބަލާއިރު " ހޯދުމަށްޓައި " މިހެން އޮތުމުން ދޭހަވަނީ ކޮންމެހެންވެސް ލިބެންޖެހޭނެ ކަމެވެ. އަދި ލިބުމުން ފުރިހަމަވާ އެއްޗެއް، ނުލިބުމުން، ފުރިހަމައެއް ނުވާނެއެވެ. ދިވެހިބަހުގައި " ހޯދުން " މިބަހުގެ މާނައަކީ : 1_ އެއްޗެއް ނުވަތަ ކަމެއް ފެނޭތޯބެލުން. 2_ މަސައްކަތްކޮށްގެން ތަކެތި މިލްކުކުރުން. 3_ ޙާޞިލް ކުރުން. އެހެންވީމަ ޤާނޫނުގައި " ހޯދުން " ބޭނުންކޮށްފައި އެވަނީ މީގެ ތެރެއިން ފުރަތަމަ މާނައިގައިކަމަށް ބެލެވެއެވެ. ދެންއޮތީ ރުހުމެވެ. ދިވެހިބަހުގައި "ރުހުން" މިބަސް ބޭނުންކުރެވެނީ ދެ މާނައެއްގައެވެ. އެއީ : 1_ ޤަބޫލުވުން. 2_ ހިތްހަމަޖެހުން. ވީމަ ވަޒިރުުންނަށް ރުހުން ހޯދުމުގެ މާނައަކީ އެމީހުން ވަޒިރުކަމުގައި ތިބެން ދިވެހިރައްޔިތުންގެ މަންދޫބުން ޤަބޫލުތޯ ނުވަތަ ހިތްހަމަޖެހޭތޯ ބެލުމެވެ. ނޫނީ އެމީހުން ވަޒިރުކަމުގައި ބައިތިއްތަން ރައްޔިތުންގެ މަންދޫބުނަށް ފެނޭތޯބެލުމެވެ.





